ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ފުރަތަމަ ހުޅުވާ 1،500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރާނެ ކަމަށާއި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމޭއިރު، ގުރުއަތުން ހޮވޭ 50 ފަރާތަކަށް 2،500 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިން ސެންޓާ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗްގައި ހުންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް އަންނަ ހޮނިހިރު ދުވަހު ބީއެމްއެލް އެކައުންޓް އޯޕަނިން ސެންޓާ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވަން ވެސް ވަނީ ނިންމައިފައެވެ.