ރާއްޖޭގެ އިގުތިސޯދީ ހާލަތު ވަޒަންކުރުމަށް ފަހު ރޭޓިން ދޭ ފިޗުން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން މިއަދު ދަމަހައްޓައިފިއެވެ.

ފިޗުން ވަނީ އަންނަ އަހަރަށް ރާއްޖެއަށް ދޭ ރޭޓިން މިއަދު އާންމުކޮށްފައެވެ. ފިޗުން ރޭޓިން މުރާޖާ ކުރަނީ އަހަރަކު އެއްފަހަރުއެވެ.

އަންނަ އަހަރަށް ފިޗުން ރާއްޖެއަށް ދީފައިވަނީ "ބީ މައިނަސް" ރޭޓިންއެކެވެ. މިއީ މިދިޔަ އަހަރުވެސް ފިޗުން ދީފައިވާ ރޭޓިންއެވެ.

ރާއްޖޭގެ ރޭޓިން އަންނަ އަހަރަށް ދެމެހެއްޓި މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން ދިއުމާ ގުޅިގެން މި އަހަރު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން 9.5 ޕަސެންޓުގައި އަދި އަންނަ އަހަރު 7.5 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީއެވެ.

ފިޗްގެ މި ރޭޓިން ދަމަހައްޓާފައި ވިޔަސް، ރާއްޖޭގެ އިގުތިސޯދީ ތަސައްވަރު "ސްޓޭބަލް" ނުވަތަ ރަނގަޅު ފައްތަރަކުން "ނެގެޓިވް" ނުވަތަ ބޮޑެތި ގޮންޖެހުންތަކެއް ހުރި މިންގަނޑަށް ވަނީ ދަށްކޮށްފައެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އެ އޭޖެންސީން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމެވެ.

ފިޗުން ބުނެފައިވާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ އެއް ބިލިއަން ޑޮލަރުން 540 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ރަސްމީ ރިޒާވް ދަށްވި ސަބަބެއް ކަމަށް އެޖަމިއްޔާއިން ފާހަނގަކޮށްފައި ވަނީ ކާބޯތަކެއްޗާއި ހަކަތަ އިމްޕޯޓް ކުރަން ކުރާ ހަރަދު ވަރަށް ބޮޑުތަނުން އިތުރުވުމާއި ފައިސާގެ އަގު ހިފަހައްޓަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ކުރަމުން އަންނަ މަސައްކަތްތަކާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު އެމްއެމްއޭ އިން ހަދާފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް އަނބުރާ ދެއްކުމެވެ.

ފިޗުގެ އަންދާޒާއިން ރާއްޖޭގެ ރިޒާވް ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނީ ދަށް މިންވަރެއްގައެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވުމާއި ދެއްކުމުގައި ކަންބޮޑުވުންވެސް އެބައޮތް ކަމަށް އެޖަމިއްޔާއިން ބުންޏެވެ.

އެގޮތުން ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުން 214 މިލިއަން ޑޮލަރު އަންނަ އަހަރު ހަރަދު ކުރަން ޖެހޭއިރު، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 151 މިލިއަން ޑޮލަރުގެ ދަރަނި ވެސް އަންނަ އަހަރު ދަައްކަން ޖެހެއެވެ.

ފިޗުން ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ މާލީ ޑެފިސިޓް ޖީޑީޕީގެ 15.7 ޕަސެންޓަށް އަށް ފުޅާވާނެއެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 13.8 ޕަސެންޓުގައެވެ. އޭގެ ސަބަބުތަކެއް ކަމަށް އެޖަމިއްޔާއިން ބުނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ބޮޑުވުމާއި ފިއުލް ސަބްސިޑީ ހަރަދުތައް ބޮޑުވުމެވެ.

ނަމަވެސް ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ ޓޫރިޒަމާއި ޖީއެސްޓީ ނަގާ މިންވަރު އިތުރުކޮށް ސަބްސިޑީ ދޭ މިންގަނޑުތަކަށް ބަދަލު ގެނައުމުން އަންނަ އަހަރު މާލީ ޑެފިސިޓް 11.8 ޕަސެންޓަށް ހަނިވާނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ރާއްޖޭގެ އިގުތިސޯދީ ދުވެއްޔާއި ގުޅޭގޮތުން އެޖަމިއްޔާއިން ލަފާކުރާ ގޮތުގައި 2023-2024 ވަނަ އަހަރުގެ ތެރޭގައި އިގުތިސޯދީ ކުރިއެރުން ވަރުގަދަވެ، އެވްރެޖްކޮށް 7.5 ޕަސެންޓަށް ވުރެ މަތީގައި ދެމި އޮންނާނެއެވެ.