އދ. ދިގުރަށަށް ރޭ އެރި އުދަ ސިފަކުރެވެނީ ސުނާމީއެއް ގޮތަށް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ދިގުރަށު ކައުންސިލް ނައިބު ރައިސް އިބްރާހިމް އަބްދުއްރަހުމާން "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު 1:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް އެ ރަށަށް ވަރަށް ބޮޑަށް އުދަ އެރި ކަމަށެވެ. އަދި އަތިރިމަތީގައި ހުރި ހުރިހާ ގެތަކަށް ލޮނުވަދެ ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"ރޭ ދަންވަރު އުދަ އަރަން ފެށީ. އަޅުގަނޑުމެންނަށް ހީވީ ސުނާމީ އެއްހެން މި އެރީ. އެހާވެސް އުސްކޮށް ރާޅުއެރީ. ރައްޔިތުން ހިތްތަކުގައި ބިރުވެރިކަން އުފެދުނު ނަމަވެސް އެވަގުތު އެންމެންވެސް ބެލީ ގެތަކަށް ލޮނު ވަނުން ހުއްޓުވޭތޯ. ވެލި ބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭތޯ،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ ސުނާމީގައި އެ ރަށަށް ލިބުނު ގެެއްލުމަށްވުރެ ބޮޑު ގެއްލުމެއް ރޭ އެކަނިވެސް ލިބުނު ކަމަށެވެ. އަދި ލޮނުވަދެ ލިބުނު ގެއްލުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ރޭ އެރި ރާޅުގެ އުސްމިނުގައި ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ ދިގުރަށަށް ރޭ އެރި އުދައިގެ ސަބަބުން އެރަށު ބަނދަރުގައި އަޅާފައި ހުރި ގިނަ އަދަދެއްގެ އޮޑިދޯނިފަހަރަށްވެސް ގެއްލުން ލިބުނެވެ.
އިބްރާހިމް އިތުރަށް ވިދާޅުވީ އުދަ އެރި ގަޑީގައި ބައެއް ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލުކުރި ނަމަވެސް މިހާރު ގެތައް ސާފުކުރުމުގެ މަސައްކަތްކޮށް އެ ގެތަކަށް އެނބުރި މީހުން ބަދަލުވެފައިވާ ކަމަށެވެ. އަދި އަތިރިއާއި ކައިރީގައި ހުރި 10 ވަރަކަށް ގެއަކަށާއި ގެސްޓުހައުސްއަކަށްވެސް ލޮނުވަދެ ގެއްލުން ލިބުނު ކަމަށް ވިދާޅުވިއެވެ.
ދިގުރަށު ކައުންސިލުން މިހާރު ދަނީ ޑިޒާސްޓާ މެނޭޖްމެންޓާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު