ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި 45 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 5:30އާ ހަމައަށް ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ވ. އަތޮޅުން ފެށިގެން ގއ. އަތޮޅަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދަށް 45 މޭލަށް ވައިގަދަވާނެ ކަަމަށްވެސް ލަފާކޮށްފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މޫސުން އަލިވާނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ އިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެލާޓުތަކަށް ބަލައި ވަކި ސައިޒުތަކުގެ އުޅަނދުތައް ދުއްވުން މަނާކޮށްފައެވެ.

އެގޮތުން ޔެލޯ އެލާޓް ނެރެފައިވާ ނަމަ ނުވަ މީޓަރަށްވުރެ ކުދި އުޅަނދުތައް ދުއްވުން މަނާވާނެއެވެ. އަދި އޮރެންޖް އެލާޓް ނެރެފައިވާ ނަމަ ވަކި ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެއެވެ. އަދި އެލާޓް ނެރެފައިވާއިރު މިފަދަ އުޅަނދުތައް ދަތުރުކޮށްފި ނަމަ ފިޔަވަޅު އަޅައި ބޮޑު ޖޫރިމަނާއެއް ކުރެއެވެ.