ފުލައި ދުބާއީ އިން އައްޑޫ ސީޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ފުލައި ދުބާއީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ކަމަށާއި ހަފުތާގެ ކޮންމެ ދުވަހަކު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ޝެޑިއުލްކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމީ، އެ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލައީ ދުބާއީ އިން ބުންޏެވެ.

ފުލައި ދުބާއީގެ ސީއީއޯ ގެއިތު އަލް ގެއިތު ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ބޭނުމަކީ ފަސިންޖަރުންނަށް ރާއްޖެ ތަޖުރިބާ ކުރުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ދަތުރުތައް ފެށުމާއެކު ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ދަތުރުކުރަން ނަގާ ވަގުތު ކުޑަވެގެންދާނެ ކަމަށް ގެއިތު ވިދާޅުވިއެވެ.

ފުލައި ދުބާއީ އިން މިހާރު ވަނީ ގަމުން ދަތުރުކުރުމަށް ޓިކެޓު ނެގުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ގަމުން ދުބާއީއަށް ދެކޮޅު ޓިކެޓު ލިބެނީ 8،283 ރުފިޔާއަށެވެ.

އެ އެއާލައިނުން މިހާރު ވެސް އަންނަނީ ދުބާއީ އާއި މާލެއާ ދެމެދު ދުވާލަކު ދެ ދަތުރު ކުރަމުންނެވެ. އަދި މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ވަނީ ސްރީލަންކާގެ ކޮލަމްބޯއާއި ރާއްޖެއާ ދެމެދު ދަތުރުތައް ވެސް ބާއްވަން ނިންމައިފައެވެ.

ފުލައި ދުބާއީ އިން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރުގެ ކޮވިޑް-19 ގެ ސަބަބުން އެ އެއާލައިނުގެ ދަތުރުތައް ހުއްޓާލި ނަމަވެސް އަލުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދަތުރުތައް ވަނީ ފަށައިފައެވެ.