ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ޖީޑީޕީ ކުރިއަށް އޮތް އަހަރުތަކުގައި ދާނީ ދަށަށް ކަމަށާއި އަންނަ އަހަރު އެ ނިސްބަތް 6.1 ޕަސެންޓަށް ދަށްވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފުން އިއްޔެ ނެރުނު ދުނިޔޭގެ އިގުތިސޯދީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރު ރާއްޖޭގެ ޖީޑީޕީ ހުރީ 8.1 ޕަސެންޓުގައެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު 6.1 ޕަސެންޓަށް ދަށްވެ، 2027 ވަނަ އަހަރު އެ އަދަދު ހުންނާނީ 5.6 ޕަސެންޓުގައި ކަމަށް ބުނެފައިވެއެވެ.
ޖީޑީޕީ ދަށަށް ދިއުމަކީ ގައުމެއްގެ އިގުތިސާދަށް ކުރިމަތިވާ ނުރައްކަލެކެވެ. ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށް އޮތް ނުބައި ހަބަރެކެެވެ. ޖީޑީޕީ ޖެހިޖެހިގެން ދެ ކުއާޓަރަށް ވެއްޓިއްޖެ ނަމަ އެއީ ރިސެޝަން އެކެވެ. އޭގެ މާނައަކީ ވަޒީފާއަދާކުރާ މީހުންގެ މުސާރަ ދަށްވެ، ވަޒީފާ ނެތުމާއި ވިޔަފާރީގެ އާމްދަނީ ދަށްވުމާއި ކޮންސިއުމާ ހަރަދުތައް ދަށްވުމެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތީ މުޅި ދުނިޔޭގެ އިގުތިސާދީ ދުވެލި ދަށްވާނެ ދުވަސްތަކެކެވެ. އެގޮތުން ދުނިޔޭގެ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ތަމްސީލުކުރާ ގައުމުތައް އަންނަ އަހަރު "ރިސެޝަން" އަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ.
އެހެންކަމުން އަންނަ އަހަރު ގްލޯބަލް ޖީޑީޕީ ކުރިއެރުން ހުންނާނެ ކަމަށް އައިއެމްއެފުން ކުރިން ލަފާކުރި މިންވަރު 2.9 ޕަސެންޓުން 2.7 ޕަސެންޓަށް ވަނީ ދަށްކޮށްފައެވެ.
އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރޭ އޮލިވިއާ ގޯރިންޗާސް ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަަށް އޮތީ މުޅި ދުނިޔޭގެ އިގުތިސާދަށް އިތުރު ލޮޅުންތަކެއް އަންނާނެ ދުވަސްތަކެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ތިން އިގުތިސާދު ކަމަށްވާ އެމެރިކާ، ޗައިނާ އަދި ޔޫރަޕް ސަރަހައްދުގެވެސް އިގުތިސާދު ދާނީ ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ މައިގަނޑު ސަބަބުތަކަކީ އިންފްލޭޝަނާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެތީގެ އަގަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން އެމެރިކާ އަދި ޔޫރަޕުގެ ގިނަ މަރުކަޒީ ބޭންކުތަކަށް މަނިޓަރީ ޕޮލިސީ ހަރުކަށި ކުރަން މަޖުބޫރުވެ އިންޓްރެސްޓް ރޭޓު އިންތިހާއަށް މަތިކޮށްފައިވުމާއި ކޮވިޑާ ގުޅިގެން ޗައިނާއިން އަޅާފައިވާ ލޮކްޑައުންތަކުގެ ސަބަބުން އެގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކުން އަރައި ނުގަނެވުމެވެ.
އޭޝިއާ ސަރަހައްދަށް ބަލައި އިރު، އައިއެމްއެފުން މިހާރު ލަފާކުރާ ގޮތުގައި އޭޝިއާގެ ކުރިއަރަމުން އަންނަ އިގުތިސާދުތައް މި އަހަރު ކުރިއަރާނީ 4.4 ޕަސެންޓަށެވެ. އަދި 2023 ވަނަ އަހަރު އެ އަދަދު 4.9 ކުރިއަރާނެއެވެ. ރާއްޖެ ހިމެނެނީ އެ ލިސްޓުގައެވެ. މިއީ ޖުލައި މަހު އެ ޖަމިއްޔާއިން ލަފާކުރި މިންވަރަށްވުރެ 0.2 ޕަސެންޓް ޕޮއިންޓާއި 0.1 ޕޮއިންޓް ދަށްވުމެކެވެ.
އައިއެމްއެފުން ވަނީ އަންނަ އަހަރު ދުނިޔޭގެ ކުރިއެރުން ދެ ޕަސެންޓަށް ވުރެ ދަށަށް ދިއުމުގެ ފުރުސަތު 25 ޕަސެންޓަށް ކަނޑައަޅައިފައެވެ. މިއީ 1970 ވަނަ އަހަރުން ފެށިގެން އެންމެ ފަސް ފަހަރު ހިނގާފައިވާ ކަމެކެވެ. އެ ޖަމިއްޔާއިން ބުނީ ދުނިޔޭގެ ޖީޑީޕީ ދަށްވުމުގެ ފުރުސަތު 10 ޕަސެންޓަށްވުރެ ބޮޑު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު