ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގްޓަނަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ, މިއަދުން ފެށިގެން މި މަހުގެ 16 އަށް ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބަލް 20 ގައުމުގެ (ވީ 20)ގެ މާލީ ވަޒީރުންގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވީ ވީ 20 ގުރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ ފިނޭންސް މިނިސްޓަރު ކެނެތް އޮފޯރި-އަޓާ އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ, ރައީސް ނަޝީދުގެ ދަތުރުފުޅުގައި އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގެ އެންމެހާ ކަންކަން ބަލަހައްޓަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނާއި ސީވީއެފްގެ އޮފީހުން ކަމަށްވެސް ބުންޏެވެ.