ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ނިންމައި، އެ ބިނާ ފަރުމާ ކޮށްދޭނެ ބަޔަކު ހޯދަން އެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނަކުން ވަނީ، ރަށުގެ އާންމު ސަރަހައްދެއްގައި ބަހައްޓާ ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. އަދި އެ ބިނާ ފަރުމާ ކުރަންޖެހޭނީ ބާޒާރުން ފަސޭހައިން ލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަކަށް ކަމަށާއި ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމް ދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށްވެސް ބުންޏެވެ.

ބިނާގެ ފަރުމާ ހުށަހެޅުމުގެ ފަހު ދުވަހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. އަދި ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.