މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" އިން ބޭނުންކުރާ ބޯޓު "އޮޑިސީ"ގެ ތެޔޮ ބިލަށް އެފަރާތުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ނެކްޓަންއިން ބުނެފިއެވެ.
ނެކްޓަންއިން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ބޭނުންކުރަމުންދާ ބޯޓު "އޮޑީސީ" އަކީ އެމެރިކާގެ ޑެލެވެއާ ސްޓޭޓުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ދި އޯޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން (އޯސީއީއީއެފް) އިން ކުއްޔަށް ހިފާފައިވާ ބޯޓެކެވެ.
ދި ހޯކްސް ލިމިޓެޑުގެ ފަރާތުން އޯސީއީއީއެފްއަށް ވިއްކާފައިވާ ޑީސަލް އަގު ހޯދުމުގެ ގޮތުން ފޮނުވާފައިވާ އިންވޮއިސްގެ ޖުމުލަ އަދަދު 186،900 އެމެރިކާ ޑޮލަރު ދައްކާފައިނުވާތީ އޯސީއީއީއެފް ރާއްޖޭގެ އެޖެންޓު ކަމަށްވާ އަލްފާ މައިކް ސާވިސަސްގެ މައްޗަށް ހޯކްސްއިން ވަނީ އެ ފައިސާ ހޯދުމަށާއި އެ ބޯޓު ހިފެހެއްޓުމަށް އެދި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.
އެ މައްސަލައިގެ ވަގުތީ އަމުރުގައި ސިވިލް ކޯޓުން މިއަދު ބުނީ، އޯސީއީއީއެފްއަކީ ރާއްޖެއިން ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެހެންކަމުން ޑީސަލުގެ އަގަށްވާ ފައިސާ ލިބުމުގެ ފުރުސަތު ހޯކްސްއަށް ގެއްލިފައިވާ ކަމަށެވެ. ހޯކްސްގެ ފަރާތުން އޯސީއީއީއެފްގެ މައްޗަށް ހުށަހަޅާފައިވާ މައުލޫއީ ދައުވާއާ ގުޅިގެން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އަދި އޯސީއީއީއެފްއިން ހޯކްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން އެ އުޅަނދާއި އެ އުޅަނދުގެ ކެޕްޓަން ކަމަށްވާ ޑަމްކޮނޮކްސް ލަޑިސްލާވްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އިމިގްރޭޝަން އަދި އެމްއެންޑީއެފްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ހޯކްސްއިން އެދިފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ހޯކްސްއިން އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ އެ ބޯޓު ރާއްޖެއިން ފުރަން އުޅޭނަމަ ހިފެހެއްޓުމަށް ކަމާގުޅޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައެވެ.
އެކަމާ ގުޅިގެން ނެކްޓަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޯޓުގެ ތެލަށްވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ އޯސީއީއީއެފްއިން ކަމަށެވެ. އަދި ސިވިލް ކޯޓުގެ އަމުރު އަމާޒުކޮށްފައިވަނީ އޯސީއީއީއެފްއަށް ކަމަށެވެ.
"ތެޔޮ ބިލަށް ފައިސާ ނުދެއްކި މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވަނީ ނެކްޓަންގެ ބަދަލުގައި އޯސީއީއީއެފްގެ ވެރިން ފައިސާ ދެއްކުމަށް،" ނެކްޓަންއިން ބުންޏެވެ.
ނެކްޓަން އިން ބުނީ، ކަނޑުތައް ދިރާސާކުރުމުގެ ބޭނުމަށް އެ ބޯޓު ޗާޓަރު ކުރި މުއްދަތު މިމަހުގެ ހަތް ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. އަދި އެ ބޯޓަށް ނެކްޓަންއިން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވެސް ނެކްޓަންއިން ބުންޏެވެ.
ޚަބަރު
ޚަބަރު