ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށްވުރެ ވެސް ކުރިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން އަޅަން ޕްލޭން ކުރި ރަންވޭއެއް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް ޕާޓީ (އެމްޓީޑީ) އިން ބުނެފިއެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ހުޅުވި ވީއައިއޭގެ އާ ކޯޑްއެފް ރަންވޭއާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީނާއި އެ މަޝްރޫއުގެ މައުލޫމާތު ނެތް ބައެއް ފަރާތްތަކުން އެ މަސައްކަތްތަކުގެ ހަގީގީ ތާރީހު އޮޅުވާލާފައިވާ ކަމަށްބުނެ އެކަން ކުށްވެރިކޮށް، އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޓީޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއައިއޭގައި ދެވަނަ ރަންވޭއެއް އެޅުމަށް ނިންމީ ޑރ. ވަހީދުގެ ވެރިކަމުގައި ކަމަށެވެ.

އެ ޕްލޭނަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު ކަމުގައި އަދީބު ހުންނެވި ދުވަސްވަރު ވާދަވެރި ޒަމާނާ އެއްހަމައެއްގައި އެއާޕޯޓު ތަރައްގީކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައި އެކުލަވާލި ޕްލޭނެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ސްކޮޓްވިލްސަން މާސްޓާ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަހުމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުންނެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓާޕްލޭނަށް އިންފްރާޓާގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް، އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެއަށް އައުމަށް ދައުވަތު ދެވުނެވެ. އަދި މި ދައުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެ އައިސް އެމްއޭސީއެލްއާއެކު މަސައްކަތްކޮށް މާސްޓާޕްލޭން ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީޑީން ބުންޏެވެ.

އެމްޓީސީން ބުނެފައިވާ ގޮތުން ޗައިނާގެ ބީޔޫސީޖީއަށް ދައުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއާޕޯޓުގެ ދެވަނަ ރަންވޭއާއި، ފިއުލްފާމާއި، އެއާކާގޯ ޓާމިނަލާއި ސީޕްލޭން ޓާމިނަލްވެސް ފަހުން އެ ފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމް ބޭންކުން ފެސިލިޓީ ހޯދުމުގެ އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަދީބެވެ. އަދި ސިނަމާލެ ބްރިޖުގެ މަސައްކަތާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީވެސް ސީދާ އަދީބުގެ އިސްނެންގެވުމާއި ބެލުމުގެ ދަށުން ޕްލޭންކޮށް، ފަންޑި ހޯދައި އެގްރީމަންޓް ކުރި ބިޔަބޮޑެތި މަޝްރޫއުތަކެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯދައި ރ. އަތޮޅު ފަދަ އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކޮށް، ރާއްޖޭގެ ރިސޯޓުތަކުން ރާއްޖޭގެ ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ނަފާ ހަމަހަމަކަމާއެކު ލިބޭނެ ވަސީލަތްތަކާއި ދޮރުތައް ހުޅުވާލަދިނީ އަދީބު ކަމަށާއި ގެސްޓް ހައުސް އަދި ހޮޓާތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހެދޭނެ ގަވާއިދުތައް ހަރުދަނާކޮށް ފުރިހަމަކޮށްދެއްވުމުގެ މުގުލަކީ ވެސް އަދީބު ކަމަށް އެމްޓީޑީސީން ބުންޏެވެ.

"2012 ވަނަ އަހަރު ރިސޯޓުތަކުގެ ބިލްޓްއަޕްއޭރިއާ %20 އިން %30 އަށް ބޮޑުކުރައްވައި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން ކުރެވޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީގައި ހަމަޖައްސަވައި، އަލަށް ތަރައްގީކުރާ ރިސޯޓުތަކުގެ ޑިއުޓީ މައާފުކޮށް، މުޅި ރާއްޖޭގައި ރިސޯޓް ކޮންސްޓްރަކްޝަން ބޫމެއް ގެނެސްދެއްވީ އެމްޓީޑީގެ ރައީސް އަހުމަދު އަދީބެވެ..،" އެމްޓީޑީސީގެ ބަޔާނުގައިވެއެވެ.

އެމްޓީޑީސީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޯޑްއެފް ރަންވޭއާއި ސީޕްލޭން ޓާމިނަލް ހުޅުވައި އެތަންތަނުގެ ހިދުމަތްތައް ވަރަށް ފުރިހަމައަށް ދެމުންގެންދާ ކަމަށާއި މިހުރިހާ ކަމެއް މިހާ ފުރިހަމަކޮށް، ކުރިއަށް މިދަނީ އޭރުވެސް، މިހާރުވެސް އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހިންގުންތެރި ސިޔާސަތުގެ ސަބަބުން ކަމަށެވެ.