އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ވިޔަފާރި ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ނުދައްކާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ލިސްޓު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފިއެވެ.

ޓެކްސް ފައިސާ އަދި ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި ހާމަކުރަމުންދާނެ ކަމަށް މީރާއިން ވަނީ މިދިޔަ މަހު އިއުލާނުކޮށްފައެވެ.

އެގޮތުން 31 ޑިސެމްބަރު 2021ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީއާއި އިންކަމް ޓެކްސް އަދި ބީޕީޓީ ޓެކްސް ނުދައްކާ މީހުންގެ ލިސްޓަކާއި އެ ޓެކްސްތަކުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ލިސްޓެއް މީރާއިން މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ދެ ލިސްޓުގައި ޖުމުލަ 396 ފަރާތެއްގެ ނަން ހިމެނެއެވެ.

މީރާގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވި ގޮތުގައި އިއްޔެ އާއްމުކުރި އެ ދެ ލިސްޓުގައި ހިމަނާފައިވަނީ ޓެކްސްގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އަށްވުރެ އިތުރަށް ދައްކަންޖެހޭ ފަރާތްތަކުގެ މައުލޫމާތު އެކަންޏެވެ. އޭގެތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 256 ފަރާތަކާއި ޓެކްސް ނުދައްކާ 138 ފަރާތެއްގެ ހިމެނޭއިރު އިރު އޭގެތެރޭގައި ރާއްޖޭގައި ނަން ހިނގާ މަޝްހޫރު އެތައް ވިޔަފާރިއެއް ހިމެނެއެވެ.

އެގޮތުން ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުނިތަކުން ފެށިގެން ގެސްޓުހައުސް ހިންގާ މަޝްހޫރު ކުންފުނިތަކާއި ޓްރެވެލް އޭޖެންސީތަކާއި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ އިތުރުން ހާޑްވެއާ އަދި ކޮންސްޓްރަކްޝަން ކުންފުނިތައްވެސް އެ ލިސްޓުގައި ހިމެނެއެވެ. އޭގެ އިިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނިވެސް އެ ލިސްޓުގައި ހިމެނެއެވެ.

އޮފިޝަލުު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު 192 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ ޓެކްސް ދައްކަންޖެހޭ މުއްދަތު ހަމަވެ، ޖޫރިމަނާއަށް ދައްކަންޖެހޭ އަދަދު ނުހިމަނައެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާމެދު މީރާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އިތުރުން އެފަރާތްތަކުގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުން ހިމެނެއެވެ. އަދި ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ހަލާސްކުރުމަށް އުޒުރުވެރިވާ ނަމަ، އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކޭނެ އުސޫލެއްވެސް މީރާއިން ވަނީ އާއްމުކޮށްފައެވެ.

މީރާގެ "ނޭމް އެންޑް ޝޭމް"ގެ އުސޫލުގެ ދަށުން ބިމު ކުލި ނުދައްކާ ރިސޯޓުތަކާއި ވިޔަފާރިތަކުގެ ނަންތައްވެސް މިދިޔަ މެއި މަހު ވަނީ އާއްމުކޮށްފައެވެ.