މާލެ ސިޓީގެ މަގުތަކާއި އާއްމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅޭނެ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުގެ މިދިޔަ ދައުރު ނިމުނުއިރު އެ މަސައްކަތް އޮތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމަށް އެގްރީމަންޓް ކުރުމާ ހަމާގައި ކަމަށެވެ. ނަމަވެސް އެކަމުގައި އެޗްޑީސީގެ ރާގު ބަދަލުވެ، ފެސިލިޓީ އަޅަން އަދި އެކަމަށް ބިމެއް ދޭންވެސް އެ ކޯޕަރޭޝަނުން މިހާރު ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އަމިއްލަ ހަރަދުގައި އެފަދަ ފެސިލިޓީއެއް ހަދަން ދެ ފަހަރު އިއުލާންކުރުމުންވެސް އެކަށީގެންވާ ތަރުހީބެއް ލިބުނު ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އާމްދަނީން ސަލާމަތްވާ އެއްޗަކުން ހަރަދުކޮށްގެން އެ ފެސިލިޓީ ހަދަން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ބުޅާ ފެސިލިޓީގެ ކުރެހުމުގެ މަސައްކަތާއި ޓެކްނިކަލް ބައެއް މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އަންނަ ޖެނުއަރީގައި އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ތެރޭގައި އެ ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި އެ ފެސިލިޓީ ހަދާނީ ބުޅަލުގެ އިތުރުން އެހެން ޖަނަވާރުތަކަށްވެސް އުޅެވޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.