ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން ޓީޗަރުން ނަމޫނާ ދެއްކެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެދިވަޑައިގެންފިއެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓަރު ފޮނުއްވި ހިތާބުގައި ވިދާޅުވީ, ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ އަދި ގައުމު ގެންދާން ބޭނުންވާ މިސްރާބު ހަގީގަތުގައި އަމާޒުކުރާ ފަރާތަކީވެސް ޓީޗަރުން ކަމަށެވެ.
އެހެންކަމުން އެފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވީ ހިނދު ޓީޗަރުން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަން. މުދައްރިސުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމައާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި މީހުންނާ މުއާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ. ދަރިވަރުންގެ ދިރިއުޅުމުގައި އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތް," މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު ވަނީ, ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން ޓީޗަރުން ނަމޫނާ ދައްކައި, ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅައިލުމާއި އިހުތިރާމުކުރުމާއި އިގުތިސާދު ކުރުންފަދަ މަކާރިމުލްއަހުލާގުގެ އުޅުންތަކުން ފޭރާންލުމަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުން އަންނަ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއްވެސް ގެންނަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ހުނަރު ކަމަށާއި މިއަދު ދަރިވަރުން އުޅެން ދިމާވެފައިވަނީވެސް ޓެކްނޮލޮޖީގެ ވެއްޓެއްގައި ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ސަމާލުކަން ހޯދަން ޓީޗަރުން ވާދަކުރަން ޖެހިފައިވަނީ ތަފާތުކުލަތައް އަރައިފައިބަމުން އަންނަ ސްކްރީންތަކާ ކަމަށް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ޓީޗަރުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން މުދައްރިސުން ކަށަވަރުކޮށްދެއްވައިފި ކަމަށެވެ. އަދި ބޭނުންވަނީ މުދައްރިސުންނަކީ އިލްމު އުފައްދައި, ކިޔަވައިދޭ ތަކެއްޗާމެދު ފިކުރު ހިންގާ ރިވެލިކޮށް އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި, ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު