މުދައްރިސުންނަށް ދޭންވާ އިހުތިރާމާއި ހައްގު މަގާމު ދިނުން ލާޒިމުކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް ފޮނުއްވައި، ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުނަރުވެރި އަދި ތައުލީމީ ޖީލެއް ބިނާ ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާނީ މުދައްރިސުން ކަމަށެވެ.

"މުދައްރިސުންނަށް ދޭންވާ އިހުތިރާމާއި ހައްގު މަގާމު މުޅި މުޖުތަމައުން ދިނުން ކޮންމެހެން ބޭނުން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އިތުރުން ބައެއް އެހެން ސިޔާސީ ލީޑަރުންވެސް ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ.

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، މުދައްރިސުން ދަރިވަރުން ތަރުބިއްޔަތުކުރުމުގައި ދޭ ހިދުމަތަކީ އަގުކުރެވޭނެ ހިދުމަތެއް ނޫން ކަމަށެވެ.