ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް ރާއްޖެ ވެގެން ދިޔައީ ދިވެހިންގެ މެހެމާންދާރީގެ ސަބަބުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަދާރަން ހުދުރަންފުށީގައި ރޭ ބޭއްވި ސަޓާގެ ހަވަނަ އެޑިޝަންގެ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ނައިބް ރައީސް ވިދާޅުވީ, ދުނިޔޭގައި ރާއްޖެ މިއަދު މިތިބި މަގާމުގައި މި ތިބެވެނީ ދިވެހިންގެ މެހެމާންދާރީގެ ސަބަބުން ކަމަށާއި މެހެމާންދާރީއަކީ ދިވެހިންގެ ތަބީއަތުގައިވާ ކަމެއް ކަމަށެވެ.
"އެންމެ ފުރިހަމަ ޗުއްޓީއެއް ހޭދަކުރަށް އަންނަ މެހެމާނުންނަށް އަޅުގަނޑުމެން ބަހައްޓާ އެކުވެރިކަމާއި ދީލަތިކަމަކީ ރާއްޖެ އެހެން ގައުމުތަކާ ތަފާތުވާ ކަމެއް. އެ ހުރިހާ ސިފަތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ނެތް ނަމަ, ރާއްޖެއަކީ ލީޑިން ޓްރެވަލް މަންޒިލަކަށް ނުވާނެ," ނައިބް ރައީސް ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ސިނާއަތަށް ކުރިމަތިވި ހުރަސްތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ, ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް, ރިސޯޓްތަކާއި ގެސްޓްހައުސްތައްވެސް ބަންދުކުރަން ޖެހުނު ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ ޓޫރިޒަމް ސިނާއަތް ހުއްޓި, އިގުތިސޯދަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރި ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ, ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއި ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންގެ ލަފަޔާއެކު އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު