ސްކޮލަޝިޕްތަކުގައި މަތީތައުލީމު ހާސިލުކުރަން ދިއުމުން މަގާމު ހުސްވާ ސްކޫލްތަކަށް އާ ޕްރިންސިޕަލުން ހަމަނުޖެއްސެނީ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގަވައިދު އޮންނަގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަތީ ތައުލީމު ހާސިލް ކުރުމަށް ބައެއް ޕްރިންސިޕަލުން ރާއްޖޭން ބޭރަށް ފުރާފައިވާ ސްކޫލްތައް ހިންގުމަށް އިތުރު ޕްރިންސިޕަލުން ނުލާ މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވެ، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑޫ ގޮންޖެހުމަކީ ސްކޫލްތަކަށް ތަމްރީނު ލިބިފައިވާ މުވައްޒަފުން ލިބިފައި ނެތުން ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން 20 މީހަކު ތަމްރީން ކުރުމަށް މެލޭޝިއާއަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދެ ސްކޫލަކާ ހަވާލުވެވަޑިގެން ތިއްބެވި ދެ ޕްރިންސިޕަލުން ވެސް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެމީހުންނަކީ ޕޭ ލީވެއްގައި ފޮނުވާފައިވާ ބައެއް ކަމަށާއި، އެއީ ސިވިލްސާވިސް މުވައްޒަފުންކަމުން އެބޭފުޅުން ތިއްބަވާނީ މަގާމުތަކުގައި ކަމަށެވެ. އެހެންކަމުން ސިވިލްސާވިސްގެ ގަވާއިދު އޮންނަގޮތުން އެމީހުން ކިޔަވަމުން އަންނަ މުއްދަތުގައި އެ ސްކޫލްތަކަށް އިތުރު ޕްރިންސިޕަލުން ލުމަކީ ދަތިކަމެއް ކަމަށާއި، ނަމަވެސް ސްކޫލް ހިންގުމާ ބޭފުޅަކާ ހަވާލު ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ސްކޫލް ހިންގަން ހަވާލުކުރާ ބޭފުޅެއްގެ މައްސަލައެއް އުޅޭނަމަ އެކަން ސަމާލުކަމަށް ގެންނެވުމުން އެކަމަށް އިތުރު ގޮތްތަކެއް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެބޭފުޅުން އެ ސްކޯލާޝިޕުން އައިސް ހަމަ އެ ސްކޫލްތަކުގައި ވަޒީފާ އަދާ ކުރާ ގޮތަށް، އެހެންވީމާ އެމުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަކަށް އިތުރު ޕްރިންސިޕަލުންނެއް، ސްކޫލަކަށް ލެވޭކަށެއް ނޯވޭ، ނަމަވެސް ސްކޫލް ހިންގުމާ ހަވާލުވެ ބޭފުޅަކު ހުންނާނެ، އެލަވަންސެއްވެސް އަޅުގަނޑުމެން ދޭނެ، ދެން އެ ހިންގުމާ ހަވާލުވެފައި ހުރި ބޭފުޅާގެ މައްސަލައެއް އުޅޭކަމަށް ވަންޏާ އަޅުގަނޑުމެން އެވާހަކަ އަޅުގަނޑުމެންނާ މަޝްވަރާ ކޮށްލީމަ އިތުރު ގޮތްތަކެއް ހަދައިދޭނެ، އެކަމަކުވެސް އާބޭފުޅެއް އެ މުއްދަތުގެ ތެރޭގައި ލުމަކީ އުނދަގޫކަމެއް ސިވިލްސާވިސްގެ ގަވާއިދުތައް އޮންނަގޮތުން،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު