މިދިޔަ މަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައި ބުނީ، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅައި ބަލާއިރު 48 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ އިރު، މިދިޔަ މަހު 4.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅައި ބަލާއިރު 36 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު 288 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިދިޔަ މަހު 391 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ސިންގަޕޫރުންނެވެ.
ކަސްޓަމްސްއިން ބުނީ އޮމާނުން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާއިން 722 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ޗައިނާއިން 510 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނު، މޮރިޝަސް، ޔޫކޭ، ބަންގުލަދޭޝް އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު