މިފްކޯއިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިފްކޯގެ އައިސް ޕްލާންޓުތަކާއި އެއާ ގުޅޭ ތަކެއްޗާއި މުވައްޒަފުން ފެނަކައާ ހަވާލުކުރުމަށް މިއަދު ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ފެނަކައިން ޕްލާންޓުތަކުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ނިންމައި ހިންގަން ފެށުމުން އައިސް އުފައްދަން ކުރަންޖެހޭ ހޭދަ ކުޑަވެ، މިފްކޯގެ ފޯކަސް މަސް ގަނެ، ޕްރޮސެސްކޮށް، މަސް ވިއްކުމަށް ހުސްކުރެވޭނެ ކަމަށެވެ. އަދި ފެނަކަައާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފުރިހަމަ އިތުބާރާ އެކުގައި ކަމަށް ވިދާޅުވިއެވެ.
ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކުރި 14 އައިސް ޕްލާންޓުގެ ތެރެއިން ދެ އައިސް ޕްލާންޓް ހުރީ ހުއްޓިފައި ކަމަށެވެ. އެ ތަންތަނުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ކުންފުނިން އައިސް ވިއްކަމުންދާނީ މިފްކޯއިން ވިއްކަމުން އައި ރޭޓުގައި ކަމަށާއި ނަމަވެސް ހަރަދު ކުޑަކޮށް އައިސް އުފެއްދޭނެ ނިޒާމުތައް ގާއިމުކޮށް ޕްލާންޓުތައް ހިންގަން ފެށުމުން މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ވިއްކެން ހުރި ގޮތްތައް ބަލައި އަގަށް ބަދަލު ގެންނާނެ ކަމަށެވެ.
ފެނަކައިން މިއަދު ވަނީ މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމު ފަސޭހަކުރުމުގެ ގޮތުން "ފެނަކަ އައިސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޕްލާންޓުތަކުން އައިސް ލިބެން ހުރި އަދަދު ބަލައި ކުރީބައިގައި އައިސް ގަތުމަށް ބުކިން ހެއްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު