އޮލިމްޕަހުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެެވެ.

އޮލިމްޕަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ޔުމްނާ ވިދާޅުވީ، އޮލިމްޕަހުގައި އިޝްތިހާރުކުރުމަށް އެތަނުގެ މައި ގޭޓުމަތީގައި ލެޑް ޕެނަލް ހަރުކޮށް، ޕެނަލްގެ ވަށައިގެން ކްލެޑިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޮލިމްޕަހުގެ ޑާންސް ޕްރެކްޓިސް ރޫމްތަކުގެ ފާރުތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތްތައް ނިމުމުން ފްލޯރިން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ، އޮލިމްޕަހުގެ ހޯލާއި ރިހާސަލް ރޫމުތަކަށް ބޭނުންވާ އެކޯސްޓިކް ޓްރީޓްކުރާ މެޓީރިއަލް ހޯދުމަށް ހަވާލުކުރި ފަރާތްތުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް އެންގުމުން އެ މަސައްކަތް 16 ނޮވެމްބަރުގެ ނިޔަލަށް ނިންމުމަށް ސިންގަލް ސޯސް އުސޫލުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އޮލިމްޕަސް ހޯލުގައި ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް ސައުންޑް ހަރުކޮށް، ފިލްމު ސްކްރީން ކުރުމަށް ރިކްރެކްޓަބަލް ސްކްރީނެއް ހަރުކުރުމުގެ މަސައްކަތް ސިންގަލް ސޯސްކޮށް ދެ ބަޔަކާ ހަވާލުކޮށް 16 އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެ ފަރާތްތަކަށް ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.