ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިލްމީ ކޮންފަރެންސް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އައިޔޫއެމްގައި ކުރިއަށްދާ އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނެޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމެވެ. މިނިސްޓަރު އަސްލަމްގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އިސްލާމުންގެ ރަންޒަމާނުގައި މުސްލިމުންނަކީ ދުނިޔޭގެ އިލްމުގެ ކުރިބޯށި ކަމަށާއި ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.

"މިއަދު ދުނިޔޭގައި މުސްލިމުންގެ އާބާދީ އަކީ 1.3 ބިލިއަން. އެކަމަކު ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލުކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް އެއް ޕަސެންޓަށް ވެސް ނާރާ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިލްމު ނެތި ބާރުވެރިކަމެއް ނުހޯދޭނެ ކަމަށާއި އެހެންވެ ހުރިހާ މުސްލިމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރި އާ ހޯދުންތައް ހޯދައި އިލްމީ ގޮތުން ކުރިއަރަން ޖެހޭ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މައުލޫމާތު ފެތުރުމުގެ ޒަރިއްޔާއެއްގެ ގޮތުން، އެ ކޮންފަރެންސްގެ މަގުސަދަކީ ވީހާވެސް ފުރިހަމަ ގޮތުގައި އިލްމު ހޯދައިދިނުމަށް ދޮރުތަކެއް ހުޅުވައިދީ އެ ފަރާތްތަކަށް ހިތްވަރުދިނުން ކަމަށެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސާޗް އެންޑް އިނޮވޭޝަންސް ޑރ. ދީބާ މޫސާ ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގައި ދިރާސާތައް ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމާ މެދު ސުވާލެއް ނެތް ކަމަށާއި އެހެންނަމަވެސް އެއަށްވުރެ މުހިއްމީ އެ ދިރާސާތަކުގެ އަލިން އިޖުތިމާއީ، ސިޔާސީ އަދި އިގުތިސާދީ އެދެވޭ ބަދަލުތަކެއް އައުން ކަމަށެވެ.

"ދިރާސާތަކުގެ ހަގީގީ މަންފާ ލިބޭނީ ސަރުކާރާއި އެހެނިހެން ސްޓޭކް ހޯލްޑަރުންގެ އެކަށީގެންވާ ސަމާލުކަން ދިރާސާތަކަށް ލިބިގެން،" ދީބާ ވިދާޅުވިއެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އެ ކޮންފަރެންސް، ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.

މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެން ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވައެވެ. އޭގެ ތެރޭގައި ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެއެވެ. އޭގެ އިތުރުން ޕެނަލް ޑިސްކަޝަނެއް ވެސް އޮންނާނެއެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުގެ ކޮންފަރެންސްގައި ވެސް ވަރަށް ހާއްސަ ތިން ބޭފުޅަކު ކީނޯޓު ތަގުރީރު ދެއްވާނެއެވެ. އޭގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މިހާރު މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވައެވެ.

އޭގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެއެވެ.

ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.

ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަނެވެ. އޭގެ ސަބް ތީމުތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއެވެ.

ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯގެ މައްޗަށް އެކުލެވޭ މައިގަނޑު ތީމުގެ ތެރޭ ހިމެނޭ ސަބް ތީމުތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕެވެ.

ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީގެ މައްޗަށް އެކުލެވޭ ތީމުގެ ތެރެއިން ކަރުދާސް ހުށަހަޅާ ސަބް ތީމުތަކަކީ ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއެވެ.

މެނޭޖްމަންޓް، ވިޔަފާރި، އިގުތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އަކީ ވެސް މައިގަނޑު ތީމެވެ. އޭގެ ދަށުގައި އިސްލާމިކް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓް އަދި މާކެޓިން އާއި ބްރޭންޑިން ސަބް ތީމުތައް ހިމެނެއެވެ.

ކޮންފަރެންސްގައި ޖުމުލަ 48 ރިސާޗް ޕޭޕަރު ހުށަހަޅާނެއެވެ.