އިނގިރޭސި އައު ރަސްގެފާނު ޗާލްސް ތިންވަނަޔާއި ކުއީން ކޮންސޯޓް ކެމީލާގެ ދަރިއެއްކަމަށް ދައުވާކުރާ މީހަކު އޮސްޓްރޭލިޔާގެ ކުއީންސްލޭންޑްގައި ދިރިއުޅެއެވެ. އޭނާގެ ނަމަކީ ސައިމަން ޑޮރާންޓޭއެވެ. އުމުރުން މިހާރު 56 އަހަރުވީ ޑޮރާންޓޭ ބުނާގޮތުގައި އޭނާއަކީ ޗާލްސްއާއި ކެމީލާގެ އެންމެ ޒުވާން ދުވަސްވަރު ކައިވެނިން ބޭރުގައި ލިބިފައިވާ ދަރިއެކެވެ.
ޗާލްސްގެ ދަރިއެއްކަމަށް ވަރަށް ކުރީއްސުރެ ވެސް ދައުވާކުރަމުން އަންނަ ޑޮރާންޓޭގެ މިދައުވާ އޭނާ ވަނީ ރާނީ އެލިޒަބަތު އަވަހާރަވެގެން ރަސްކަމަށް ޗާލްސް އިސްވެވަޑައިގެންނެވުމާއެކު އައުކޮށްފައެވެ. ޑޮރާންޓޭ މިހާރު ބުނާގޮތުން ވަލީއަހުދުކަން ހައްގުވަނީ އޭނާއަށެވެ. އައު ވަލީއަހުދަކީ ޕްރިންސް ވިލިއަމްކަމަށް ޗާލްސް ނިންމެވި ނިންމެވުމަކީ އޭނާގެ ކަންކަށިމަތީގައި ޖެއްސެވި އެތިފަހަރެއް ކަމަށްވެސް ޑޮރާންޓޭ ވަނީ ސިފަކޮށްފައެވެ.
ޑޮރާންޓޭ ބުނާގޮތުގައި ޗާލްސް ބޭނުންފުޅުވީ ހުރިހާ އެއްޗެއް ޗާލްސްއަށް ލިބިވަޑައިގެންފިއެވެ. ޅައިރުގެ ލޯބިވެރިޔާ ކެމީލާޔާއި އިނގިރޭސި ރަސްކަމެވެ. މިހާރު އެއްވެސް އެއްޗެއް ނުލިބި ހުންނާން ޖެހިފައިވަނީ އެދެބޭފުޅުންގެ ޒުވާންކަމުގެ ޖޯޝުގައި މީގެ 56 އަހަރު ކުރިން ހަލާލު ނޫންގޮތަކަށް ދުނިޔެއަށް އުފަންވެ، ޔަތީމު ޚާނާއެއްގައި ޅައުމުރުގެ ދުވަސްތައް ހޭދަކޮށް މުޅިން ދުރުހިލޭބަޔަކު އެޑަޕްޓްކޮށްގެން މާދުރު ގައުމަކަށް ގެނެސް ބޮޑުކޮށްފައިވާ ސައިމަންއަށް ކަމަށްވެސް ބުނެފައިވެއެވެ.
ސައިމަން ޑޮރާންޓޭ ބުނާގޮތުގައި އޭނާއަކީ ޗާލްސްއާއި ކެމީލާގެ ދަރިއެއްކަން ޑީއެންއޭ މެދުވެރިކޮށް ސާބިތުވެސް ކުރެވޭނެއެވެ. އޭނާ ޗާލްސްއަށް ގޮވައިލީ ހިތްވަރެއް ހުރިއްޔާ ދަރިއެއް ނޫންކަން ޑީއެންއޭ މެދުވެރިކޮށް ސާބިތުކޮށް ދެއްވުމަށެވެ. މި މައްސަލައިގައި އިނގިރޭސި ޝާހީ އާއިލާއިން ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ. ޑޮރާންޓޭ ބުނާގޮތުގައި ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ ކޯޅުންތަކުގައި އޭނާގެ ތާއީދާއި ހަމްދަރުދީ އޮތީ ޕްރިންސް ހެރީއަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ