ރާއްޖޭގެ ޑިމޮކްރަސީއަށް ގޮންޖެހުން ބޮޑު މައްސަލަތައް އެބަހުރި ކަމަށާއި ރާއްޖެ ހިމާޔަތްކުރެވޭނީ އެންމެންގެ ބައިވެރިވުމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގުވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ހިތާބުގައެވެ.
ރައީސް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމް ފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، މުޅި ދައުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.
ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީހުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލުތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު