މިދިޔަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ ފްލެމިންގޯގެ ވާހަކަ މިހާރު އެހާ ވަރަކަށް ނުދެކެވެއެވެ. އޭރު އެންމެ އަޑުގަދަވީ 30،000 ރުފިޔާއަށް އެ ވިއްކަން އެކި ޕްލެޓުފޯމުގައި އިޝްތިހާރުކުރި ވާހަކައެވެ. މަޅިފަތި ޖަހައިގެން މި ދޫނިތައް ހިފަން އުޅޭ ވާހަކައެވެ. ނަމަވެސް ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން އެއީ އަބަދުވެސް މަނާކަމެކެވެ.
ރާއްޖެ ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. ފްލެމިންގޯ އަކީވެސް މީގެ ދޫންޏެކެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވައިދުގެ ދަށުން އެފަދަ އަމަލެއް ކޮށްފިނަމަ 500 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް އޮވެއެވެ.
އެންމެ ފުރަތަމަ މީގެ ދޫންޏެއް ފެނުނީ ހއ. ފިއްލަދޫންނެވެ. އޭގެ ފަހުން ކުޅުދުއްފުށީ ކުޅިން ފްލެމިންގޯގެ ފަރި ހަރަކާތްތައް ފެންނަމުންދިޔައެވެ. މަޑުމަޑުން އުތުރުގެ އެކި ރަށްތަކުން މި ދޫނި ފެންނަން ފެށިއެވެ. މިހާރު މި ދޫނިތައް ރަސްކަން ކުރަމުން އަންނަނީ ށ. ފުނަދޫ ދަށްފަޅުގައެވެ. ފޮޓޯތަކުން އެ ސޮރުމެންގެ ފަރި ހަރަކާތްތައް ބަލައި ފޫހިނުވެއެވެ. އަސްލަށް ކިހައި ރީތިވާނެހެއްޔެވެ؟
މީގެ ކުރިން މި ފަދަ ދޫނިތައް ރާޢްޖެ އައިނަމަވެސް މާ ގިނަ ދުވަހަކު މަޑެއްނުކުރެއެވެ. އެކަމަކު މި ފަހަރު މިވީ މުޅިން ތަފާތުކޮށެވެ. ފްލެމިންގޯތައް އުތުރާއި ދެކުނަށް ބެހިގަތީއެވެ. އެކި ރަށްރަށަށް އެ ސޮރުމެންގެ ފަރި ހަރަކާތްތައް ދައްކާލިއެވެ. ކުޅުދުއްފުށީ ކުޅިއަށް އެސޮރުމެން ކުރި ޒިޔާރަތުގައި އެ ކުޅިއަށް ވަރަށް ބޮޑު ދިރުމެއް ލިބުނު ކަމަށް ރަށުގެ ބައެއް މީހުން ބުންޏެވެ. ކެނޯގައްޔާއި އެއްގަމުގައި ތިބެގެން އެސޮރުމެން ބަލައިލަން މީހުން ދިޔައީ މަދެއްކޮށެއް ނޫނެވެ.
އެހެންކަމުން މިހާރު ރާއްޖޭގައި މިއުޅެނީ އޮކްޓޫބަރު މަހު ރާއްޖެ އައި ދޫނިތަކެއް ހެއްޔެވެ؟ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް ވިދާޅުވީ މިއީ އެފަހަރު ރާއްޖެ އައި ދޫނިތައް ކަމަށެވެ. އެ ދޫނިތައް އެނބުރި ރާއްޖެ ދޫކޮށް ދާނެހެން ހީނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭއްޗިހިވެސް މިނިވަން ކަމާއެކު އުޅެލަން ބޭނުންވާނެ. މީގެ ކުރިން އެ ސޮރުމެން ހިފައި ހައްޔަރުކޮށް ގޯނާކުރަނީ. އެހެންވީމާ ދަނީ. އެކަމަކު މިހާރު އޭއްޗިއްސަށް ގޯނާއެއް ނުކުރޭ. ގޯނާ ނުކުރަންޏާ ކިތަންމެ ގިނަ ދުވަހަކުވެސް މިތާ އުޅެދާނެ. ދެން ހިޔެއް ނުވޭ ރާއްޖެ ދޫކޮށް ދާނެހެން." އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކުޅިއަށް މީގެ ކުރިން ޒިޔާރަތްކުރި ފްލެމިންގޯތައް ވަރަށް ބޮޑެތިވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ދަށްފަޅަށް އެސޮރުމެން ޒިޔާރަތްކުރާ ކަމަށާއި ދަށްފަޅުގައި މިހާރު ވަޒަންވެރިވެގެން ތިބި ދޫނިތައްވެސް ކުޅުދުއްފުށީ ކުޅިއަށާއި އެހެން ބައެއް ރަށްރަށުގެ ކުޅިތަކަށް ޒިޔާރަތްކުރެއެވެ.
މި ދޫނިތަކުގެ ފޮޓޯ ނެގުމުގައި ހަރަކާތްތެރިވި ފޮޓޯގުރަފަރަކު "ވަން" އަށް ބުނީ ދަށްފަޅުގައި ތިބި ދޫނިތައް މިހާރު ވަރަށް ބޮޑެތިވެފައި ޗާލުކަމަށެވެ.
"މާކަނައަކަށްވުރެ ބޮޑުވެފަ އެބަތިބި ބައެއް ދޫނިތައް. ފިޔަގަނޑުގަ އެ ހުންނަ ފިޔާތޮށި ކުލައާއި ދެން އެސޮރުމެންގެ ފަރިހަރަކާތްތައް އަސްލު ބަލައި ފޫހިނުވޭ. ވަރަށް ހިތްގައިމު މަންޒަރެއް މިއީ." އޭނާ ބުންޏެވެ.
މެދުއިރުމަތީގެ ހިސާބުތަކުންނާއި ކެންޔާ އަދި އެފްރިކާގެ ބައެއް ހިސާބުތަކުގައި އުޅޭ ފްލެމިންގޯ ރާއްޖެ އަންނަނީ ފިނި މޫސުމުން ސަލާމަތްވުމަށެވެ. އެގޮތަށް އައިސް ވަރަށް ގިނަ ދުވަހު އެ އަންނަ ގައުމެއްގައި މަޑުކުރެއެވެ. ފްލެމިންގޯގެ ކުލަޔަށް ބަދަލު އައިސްފައި އެހުރީ މާހައުލު ބަދަލުވީމައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް