ވޯލްޑް ކްލީންއަޕް ޑޭގެ ހަރަކާތްތައް މި އަހަރުވެސް ރާއްޖޭގައި ބާއްވާނެ ކަމަށް އެ ހަރަކާތް ރާއްޖޭގައި އިންތިޒާމުކުރާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިން ބުނެފިއެވެ.

ވޯލްޑް ކްލީންއަޕް ޑޭއަކީ ދުނިޔެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށް ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހާ ގުޅުވައިގެން އެކި ގައުމުތަކުގައި ބާއްވާ ހަރަކާތްތަކުގައި މިލިއަނެއްހާ ވޮލަންޓިއަރުން ބައިވެރިވާނެއެވެ.

ލެޓްސް ޑޫއިޓް މޯލްޑިވްސް އިން ބުނީ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާއިން އިންތިޒާމު ކޮށްގެން މި ހަރަކާތް ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކ. ހިންމަފުށީގައި ކަމަށާއި އެ ހަރަކާތުގައި މުޅި ދުނިޔޭގެ 150 ގައުމަކުން ބައިވެރިވާނެ ކަމަށް ބުންޏެވެ.

ހިންމަފުށީގައި ބާއްވާ ހަރަކާތުގައި މޫދާއި ގޮނޑުދޮށުގެ އިތުރުން ރަށުތެރެވެސް ސާފުކުރުމަށް ވަނީ ނިންމައިފައެވެ.