ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމަށާއި މިކަމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހު މިކަމަށް އެދިވަޑައިގަތީ މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެކަމުގައި ހަރަކާތްތެރިވާ މީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާތަންކަމުގައިވާ ދަރުބާރުގެއަށް ވަޑައިގެން، އެކަމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފައްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަމަށާއި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު ފަށާ ބޯހިމެނުމުގެ މަސައްކަތުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތްތައް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލު މައުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ މި މަހުގެ 17 އިން 25 ގެ ނިޔަލަށެވެ.
މިފަހަރުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު