ޓެކްސީއަށް އެރި ފަސިންޖަރަކަށް ފުރައްސާރަކުރި އަވަސް ރައިޑުގެ ޑްރައިވަރަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

ޒަޔާން އިސްމާއިލް ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ބުނެފައިވަނީ އޭނާ މިދިޔަ ހޯމަ ދުވަހު އަވަސް ރައިޑުގެ ޓެކްސީއަކަށް އެރުމުން އެ ދަތުރު ނިމެންދެން ޑުރައިވަރު އޭނާއަށް ފުރައްސާރަ ކުރި ކަމަށެވެ.

އެގޮތުން އޭނާގެ ސިފަޔާ ގުޅޭ ގޮތުންނާއި ގެންގުޅުނު ޓޯޓު ބޭގާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށެވެ. މިފަދަ ޑްރައިވަރުންނާމެދު ފިޔަވަޅު އަޅާތޯ އޭނާ ވަނީ އަވަސް ރައިޑާ ސުވާލުކޮށްފައެވެ.

އޭގެ ފަހުން ރޭގެ ވަގުތެއްގައި ޒަޔާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މައްސަލަ ފެންމަތިވުމާއެކު ވަރަށް އަވަހަށް އަވަސްރައިޑުން ޑްރައިވަރާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ. އެއީ ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ލިބުނު، މޮޅެއް ކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެެވެ.

އަވަސް ރައިޑުގެ އޮފިޝަލަކު "ވަން" އަށް މިއަދު ބުނީ ކަސްޓަމަރަކާއި ދޭތެރޭ ބަދުބަސް ބުނެ އިހާނެތިކޮށް ހިތައި ފުރައްސާރަކުރާ މީހަކަށް އެ ސެންޓަރުން ޖާގައެއް ނުދޭނެ ކަމަށެވެ.

އެގޮތުން މި ޓެކްސީ ޑުރައިވަރުވެސް އިތުރު ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.