ވ. ތިނަދޫގެ ޒަމާންވީ ކުނިގޮނޑުން 1350 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ ތިނަދޫގައި އެތައް ދުވަހެއްވަންދެން ކުނިއަޅާފައި ހުރި ކުނިގޮނޑުން ތިން ދަތުރެއްގެ މަތިން 1350 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިންމާލާފައިވަނީ އަށް ދުވަހުގެ ތެރޭގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އެރަށުގައި ކުނިފުނި ހުސްކޮށްފައި ވަނީ ވެމްކޯއާ ހަވާލުކޮށްގެންނެވެ.

މިނިސްޓްރީން ބުނީ ތިނަދޫއަކީ މާލެ އަތޮޅުގެ ސިނާއީ މުހިންމު އަދި ގެސްޓުހައުސްތައް ގިނަ ރަށަކަށްވުމުން އެރަށުގެ ކުނިގޮނޑު ސާފުކުރެވިގެންދިއުމަކީ ކުރެވުނު މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓަކީ އަށް ރަށެއް ހިމެނޭގޮތައް 3.5 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އަދި މި ޕްރޮޖެކްޓްގެ ދަށުން މާލެ އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުގައި ހުރި ކުނިފުނިތައް ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.