ޚަތީބު ސަސްޕެންޑުކޮށްފައިވަނީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުގެ އިތުރުން ހުތުބާއަށް އުނި އިތުރު ގެނައުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޚަތީބު ސަސްޕެންޑުކޮށްފައިވަނީ 10 ޖުލައި 2018 ގައި ގެޒެޓްކޮށްފައިވާ "ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" އާ ހިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ހުތުބާ ކީ މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލަ ބަލައި ނިމެންދެން ވަގުތީގޮތުން، އެ ޚަތީބަށް ހުކުރުކުރަން ހަވާލުނުކުރަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާއަށް އުނި އިތުރު ގެނައުމަކީ އެ އުސޫލުގެ ދަށުން މަނާ ކަމެއް ކަމަށާއި ވަކި ބަހުރުވައަކުން ހުތުބާކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް، މި މައްސަލަ ބަލަމުން ގެންދަނީ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް، އެ މިނިސްޓްރީން ނެރެފައިވާ ހުކުރު ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދެވެ. އޭނާ ސަސްޕެންޑުކުރި މައްސަލައިގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.