ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް، ކުނި މެނޭޖުކުރުމުގެ ބިލުގައި ކަނޑައަޅާފައިވާ މުއްދަތު އަވަސްކޮށް ބިލަށް އިސްލާހު ގެނައުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން އެކަމަށް އެދިފައި ވަނީ، އެ ބިލު ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ބިލަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން ކުރި މަޝްވަރާގައެވެ.
ކޮމިިޓީގެ ބައްދަލުވުުގައި ބައިރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ޝަރުވަޝް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ (ލެވީ) ނެގުމަށް ބިލުގައި ހިމަނާފައި ވަނީ، އެކަމަށްޓަކައި ހަދާ ގަވާއިދަށްވުރެ ކުރިން ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ގަވާދު ހެދުމަށް ބިލުގައި ހަ މަސް ދުވަސް ކަނޑައަޅާފައިވާއިރު، ބިލު ގާނޫނަކަށްވާތާ 30 ދުވަހުގެ ތެރޭގައި ލެވީ ނަގަންޖެހޭނެ ކަމަށް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ތާރީހު އެލައިންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ތާރީހު އެލައިން ކުރުމުގައި ލެވީ ނެގުން ފަސްކުރުމުގެ ބަދަލުގައި އެ ނެގުން އަވަސްކުރަން ހިމަނަން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ އެކަމަށް ބޭނުންވާ ގަވާއިދު 30 ދުވަހުގެ ތެރޭގައިވެސް ހެދޭނެ ކަމަށް މީރާއިން ބުނެފައިވާތީ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު މަޖިލީހަށް ހުށަހެޅި ކުނި މެނޭޖުކުރުމުގެ ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަންވާނެއެވެ. ނަމަވެސް އެކަން އިސްތިސްނާވާނެ ހާލަތްތަކެއްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާފައި ހުންނަ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅާއި ޑިއުޓީ ފްރީން ވިއްކާ ކޮތަޅާއި 50 އަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އާއި ކުނީގެ ހިދުމަތް ދޭ ތަންތަނުން ވިއްކާ ކަޅުކޮތަޅު ހިމެނެއެވެ.
މި ބިލުގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުމަށް ވަނީ ލާޒިމުކޮށްފައެވެ. ލެވީ ނެގުމުގައި އަމަލުކުރަންޖެހޭ ގަވާއިދު، މި ގާނޫނު ތަންފީޒުކުރަން ފަށާތައި ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލުގައި ކަނޑައަޅާ ކަންތައްތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ކުނި މެނޭޖުކުރަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާންކޮށް، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި ކޮންމެ ފަސް އަހަރަކުން މުރާޖައާކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު