މަންޓާ އެއާއިން މާލެ އާއި ހއ. ހޯރަފުއްޓާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
މަންޓާ އެއާއިން ހޯރަފުއްޓަށް ރަސްމީކޮށް ދަތުރު ފެށީ އިއްޔެއެވެ. މިއީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ފަރާތުން ހިންގަމުންދާ އެއާޕޯޓްތަކުގެ ތެރެއިން އެއާޕޯޓަކަށް އެ އެއާލައިނުން ޝެޑިއެލް ދަތުރުތަށް ފަށާ ފުރަތަމަ ފަހަރެވެ.
ހޯރަފުށީ އެއާޕޯޓަށް އިއްޔެ ޖެއްސި މަންޓާގެ ފުރަތަމަ ފްލައިޓަށް އާރުއޭސީއެލްގެ އިސްވެރިންނާއި ހޯރަފުށި ކައުންސިލުގެ މެމްބަރުންނާއި އެރަށް ކައިރީގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓުގެ ފަރާތުން ވަނީ މަރުހަބާ ކިޔައިފައެވެ.
އާރްއޭސީއެލުން ބުނި ގޮތުގައި މަންޓާއިން މިވަގުތު ހޯރަފުއްޓަށް ބާއްވާނީ ދުވާލަކު ދެ ފްލައިޓެވެ.
އާރްއޭސީއެލްގެ ފަރާތުން މިވަގުތު ހިންގަމުންދަނީ ހޯރަފުށި އެއާޕޯޓް، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހދ. ކުޅުދުއްފުށި އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ގދ. މާވަރުލު އެއާޕޯޓް އަދި ފުވައްމުލަކުގެ އެއާޕޯޓެވެ.
އާރްއޭސީއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓްތަކުން ދަތުރުކުރާ ފަރާތްތަކަށް ހަރުދަނާ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
އެގޮތުން އާރްއޭސީއެލް ވަނީ އެ ކުންފުނިން ހިންގާ ހަތަރު އެއާޕޯޓެއް ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)ގެ މިންގަނޑަށް ފެތޭ ގޮތަށް ސްކްރީނިން މެޝިންތަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު