ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފުރަތަމަ ސްކޫލު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލު މިއަދު ހުޅުވައި، ކިޔަވައިދޭން ފަށައިފިއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރި ފުރަތަމަ ވަޒީރުލް މައާރިފް އަހުމަދު ކާމިލްދީދީއަށެވެ.

މިއަދު ހެނދުނު އެ ސްކޫލު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކާމިލް ދީދީ ސްކޫލަކީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުން އެލްކޭޖީ، ޔޫކޭޖީ، ގްރޭޑް 1، 2، 3، 4، 5 އަދި 6 އަކަށް ކިޔަވައިދޭނެއެވެ. ސްކޫލުގެ ފައުންޑޭޝަން ކްލާސްތައް ހަތަރު ދަންފަޅިއަކަށް ކުރިއަށް ގެންދާއިރު، ގްރޭޑް 1 އިން 6 އެއްގެ ކްލާސްތައް ގެންދާނީ ދެ ދަންފަޅިއަކަށެވެ.

ޖުމުލަ 824 ކުދިނާއެކު ކިޔަވައިދޭން ފެށި އެ ސްކޫލުގައި 47 މުދައްރިސުން ކިޔަވައިދޭނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފުރަތަމަ ސްކޫލު ހުޅުވައި ކިޔަވައިދޭން މިއަދު ފެށި އިރު، ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލަކާއި ސެކަންޑަރީ ސްކޫލެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ޕްރީ ސްކޫލު އަންނަ މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ އިރު، ސަލާހުއްދީން ސްކޫލުގެ ނަމުގައި ހަދާ ސެކަންޑްރީ ސްކޫލް ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅެވެ.