މަމެން އިންޓަ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަން މި މަހު ފަށަން ނިންމައިިފިއެވެ.
ދިރާގާއި ބައިކް މޯލްޑިވްސްއާ ގުޅިގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މަމެން އިންޓަ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަން ފުރަތަމަ ބާއްވަން ނިންމީ 2020 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ މުބާރާތް ވަނީ ފަސްކޮށްފައެވެ.
ދިރާގު ހެޑްއޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މުބާރާތާ ބެހޭ މައުލޫމާތުދެއްވަމުން އެކުންފުނީގެ އެސިސްޓެންޓް ބްރޭންޑް މެނޭޖަރު، ނާޔާ ޝަރީފް ވިދާޅުވީ ދިރާގުގެ އުންމީދަކީ މިފަދަ މުބާރާތްތަކުން ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން އެކުދިންނަށް އެނގިގެންދިއުން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސްއަށް އެއްބާރުލުން ދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޒުވާން އުމުރުން ފެށިގެން ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" އޭނާ ވިދާޅުވިއެވެ.
އެ މުބާރާތާ ގުޅޭގޮތުން ބައިކް މޯލްޑިވްސްގެ ޗެއާޕާސަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ އެ މުބާރާތުގެ މަގުސަދަކީ ވީހާވެސް ގިނަ ކުޑަކުދިން ބައިކިން އަށް ޝައުގުވެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަހުލުވެރިކުރުމާއެކު ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް އިންޖީނުލީ އުޅަނދު ބޭނުންކުރުން މަދުކުރުމަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި މިހާރު އެ ޖަމިއްޔާއަކީ ޔޫނިއަން ސައިކަލް އިންޓަނޭޝަނަލް (ޔޫސީއައި) މެމްބަރެއް ކަމަށާއި ދަރިވަރުން ތަމްރީނުކޮށް މިހާތަނަށް ދެ މުބާރާތަކަށް ކުދިން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާ ކުޑަކުޑަ ގައުމެއްގައި ސައިކްލިން އަކީ މާލޭގައި ދަތުރުފަތުރުކުރުމަށް އެންމެ މުހިއްމު ގޮތް ކަމަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ ހުވަފެނެއް،" ޒުލޭހާ ވިދާޅުވިއެވެ.
މިއަހަރު އެ މުބާރާތް ކުރިއަށްދާނީ މިމަހު 17 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސައިކްލިން ޓްރެކްގައެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލައިފައެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ގެ ނިޔަލަށެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ފޯމު އެ ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުންނެވެ. އަދި އެ ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިންވެސް ލިބޭނެއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ؛
- 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
- 13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
- 13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
- 15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
- 17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
- 19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 3000 މީޓަރުގެ ޓީމް ޕާސޫޓް
އެ މުބާރާތުގެ 1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓުތަކަށް އެއްބާރުލުންދީ، އިވެންޓުތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލު ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު