ބޭރުގެ އިމްތިހާނުތަކަށް ބަރޯސާވުމުގެ ބަދަލުގައި ދިވެހި ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމު ސުވާލުކުރެއްވީ މެޑިސިންގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިންނާއި އިންޖިނިއަރިންގެ ދާއިރާއިން ދުނިޔެ ގަބޫލުކުރާ ޑިގްރީ އާއި އެއަށްވުރެވެސް މަތީ ފާސް ރާއްޖެއިން ދޭއިރު، ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާ ނުކުރެވޭ މައްސަލައިގައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ނެޝަނަލް ކަރިކިއުލަމެއް ކަމަށާއި އެފަދަ ކަރިކިއުލަމެއްގައި ރާއްޖޭގެ އިމްތިހާން ބޮޑީއަކުން ހެދޭ ޕޭޕަރުތައް ކުދިންނަށް މާފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް އެއީ. އަޅުގަނޑުމެންގެ މި އޮންނަނީ ނެޝަނަލް ކަރިކިއުލަމެއް. ނެޝަނަލް ކަރިކިއުލަމް އޮންނަންޏާ ދިވެހިރާއްޖޭގެ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް އަސްލު އެ ކުދިންނަށް މާފަސޭހަވާނެ. އޭރުން ރާއްޖެއާ ގުޅޭ ރެލެވެންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާކުރެވޭނެ. އެ މަސައްކަތްވެސް ކޮންމެސް ވަރަކަށް ފަށާފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އޯ ލެވެލް ހަދަނީ ކެމްބްރިޖު އިމްތިހާނުން ކަމަށްވާއިރު، އޭ ލެވެލްގައި ހަދަނީ އެޑެކްސެލްއެވެ. ނަމަވެސް މިހާރު މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން އޭ ލެވެލްއަށްވެސް ކެމްބްރިޖު އިމްތިހާނު ދޭ ގޮތަށެވެ.