ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ) ގެ ޗެއާގެ މަގާމަށް އިންތިހާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިކަން ވެސް ކުރައްވާ ނާޝިޒް ސީއޭޕީއޭސީގެ ޗެއާއަކަށް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގައެވެ. ސީއޭޕީއޭސީގެ އަހަރީ ބައްދަލުވުމުގެ ޖަލްސާ މާދަމާވެސް ބާއްވާނެއެވެ.

ނާޝިޒް ވަނީ މިދިޔަ އަހަރުން ފެށިގެން ސީއޭޕީއޭސީގެ ވައިސް ޗެއާގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ސީއޭޕީއޭސީއަކީ ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެންބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާއެކު ނިންމުންތައް ނިިންމުމާއި މާލީގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ހިތްވަރު ދިނުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި 40 ގައުމު ވަނީ ބައިވެރިވެފައެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކަށް މާލީ ދާއިރާގެ ގާނޫނުތައް ހެދުމާއި މާލީ ގޮތުން ނިންމުންތައް ނިންމުމުގައި ސީއޭޕީއޭސީން އެހީތެރިކަން ފޯރުކޮށްދެއެވެ.