މުލީ އެއާޕޯޓަށް ޖެޓްތައް ޖެއްސޭ ގޮތަށް އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ނިންމައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އަށް މިއަދު ވިދާޅުވީ، މުލީ އެއާޕޯޓުގެ ރަންވޭއަށް އިތުރު 300 މީޓަރު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެއާއެކު އެ ރަންވޭ ވެގެންދާނީ 1،500 މީޓަރުގެ ރަންވޭ އަކަށެވެ.

ރަންވޭއަށް އިތުރުކުރަން ނިންމި 300 މީޓަރާއެކު މަޝްރޫއުގެ އަގަށް ބަދަލުތަކެއް އަންނާނެއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އާޒިމް ނުދެއްވައެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މުލިީގެ އެއާޕޯޓު ބޮޑު ކުރަނީ ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތް ހެދުމަށެވެ.

މުލީގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އެއާ އިންވެގެން ބިމެއް ހިއްކައިގެން އެރަށުގައި އެއާޕޯޓެއް ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 28 ފެބްރުއަރީ 2021 ގައެވެ. މިއީ 221 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން އިތުރު 14 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. އަދި 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކޮށް، ޓެކްސީވޭއަކާއި އޭޕްރަންއެއް ހަދާނެއެވެ.

އެ އެއާޕޯޓްގެ 30 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ އިރު، އަންނަ އަހަރުގެ މެދުތެރޭގައި އެ އެއާޕޯޓް ހުޅުވާނެ ކަމަށް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.