ރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފިލްމީތަރި ފައުޒިއްޔާ ހަސަން ނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ ސްރީ ލަންކާގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ފަރުވާ ހޯދަމުންދިޔައީ ކޮން ބައްޔަކަށް ކަމެއް ނޭނގެއެވެ. ފައުޒިއްޔާ ނިޔާވި އިރު، އުމުރަކީ 80 އަހަރެވެ.

ފައުޒިއްޔާ ފިލްމީ ދާއިރާއަށް ވަނީ 1985 ވަނަ އަހަރު ރިލީސްކުރި ފިލްމު "ފިދާ" އިންނެވެ. ފައުޒިއްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ރިލީސްކުރި ފިލްމު "ހައްދު" އިންނެވެ. ނަމަވެސް މުހައްމަދު ނިޔާޒް "ޓެޑްރީ" މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް"ގައިވެސް ފައުޒިއްޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

ފައުޒިއްޔާ ވަނީ "ޔޫސުފް" އާއި "ވާ ލޯބި އެނގޭ ނަމަ" އާއި "ހިޔަނި" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންގޮސްފައެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ 1994 ވަނަ އަހަރު އިންޑިއާގެ ޖަލެއްގައި ފައުޒިއްޔާ ތިން އަހަރު ވަންދެން ބަންދުވެސް ކުރިއެވެ.