ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. ފިއްލަދޫ އާއި ހއ. ވަށަފަރުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފިއްލަދޫ އަދި ވަށަފަރުގައި މިއަދު ހުޅުވި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބޭންކުގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ، އަލަށް ހުޅުވި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އެ ދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭންކިން ވިއުގަ ފުޅާކުރުމަށާއި ބޭންކިން ހިދުމަތްތައް ފަސޭހަކާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިވެދެވޭކަމީ ލިބޭ އުފަލެއް" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލުން ވަނީ މިހާތަނަށް 20 އަތޮޅެއްގައި ބޭންކުގެ 35 ބްރާންޗާއި 82 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 140 އޭޓީއެމްގެ އިތުރުން 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ތާއާރަފުކޮށްފައެވެ.