ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ސަރުކާރުން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޔޫތް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ޒުވާނުންގެ އެވޯޑުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ފޯމު ހުހަޅަންޖެހޭނީ ގޫގުލް ލިންކް https://forms.gle/uMBiHoKb7AavUht79 މެދުވެރިކޮށް ކަމަށާއި ނޫން ނަމަ ސޯޝަލް ސެންޓަރަށް ކަމަށްވެސް ބުންޏެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ސަރުކާރުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެއެވެ.