ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ހޮނިހިރު ދުވަހު މ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ އާ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި މުލަކު އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ، ދިއްގަރު، ރަތްމަންދޫ، މަޑުއްވަރީ، ވޭވަށް އަދި މުލިއެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހު އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރަތްމަންދު އަށެވެ. އެންމެ ފަހު މަންޒިލެއްގެ ގޮތުން މުއްޔަށް ވަޑައިގެން އަންނަ ހޮނިހިރު ދުވަހު ރައީސް މާލެ ވަޑައިގަންނަވާނެއެވެ.

އެ ރަށްރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.