މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މަރުކަޒަކަށް އެކްރެޑިޓްކޮށްދީފައިވާ ޕްރޮގްރާމެއް އެހެން މަރުކަޒަކުން ހިންގާތީ ފިޔަވަޅުއަޅާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްކިޔުއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" ގެ ދަށުން ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ އެއްވެސް ޕްރޮގްރާމެއް ހިންގަންވާނީ އެ އޮތޯރިޓީން އެކްރެޑިޓްކޮށްގެން ކަމަށެވެ.

ނަމަވެސް، ބައެއް މަރުކަޒުތަކުން އެއާ ހިލާފަށް، އެމްކިއުއޭއަށް ނާންގާ އެހެން މަރުކަޒަކަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީގެ އެކްރެޑިޓޭޝަނާ ނުލައި ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ. އެ އޮތޯރިޓީން ވަކި މަރުކަޒަކަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް އެހެން މަރުކަޒުތަކަށް ހިންގުމަށް ހަވާލުކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވާކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ.

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ "މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުން) މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، " ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، މަތީ ތައުލީމުގެ ޕްރޮގްރާމެއް ނުވަތަ ތަމްރީނުގެ ޕްރޮގްރާމެއް އޮތޯރިޓީން އެކްރެޑިޓްނުކޮށް ދިވެހިރާއްޖޭގައި ހިންގުމަކީ މަނާކަމެކެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިސްތިހާރުކުރުމަކީ ވެސް މަނާކަމެކެވެ. އެކްރެޑިޓްނުކޮށް ހިންގާ ޕްރޮގްރާމެއްގައި ކިޔަވައި ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ އެފަދަ ޕްރޮގްރާމެއް ހިންގާ ފަރާތަކުންނެވެ." ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ.

އެމްކިޔުއޭއިން ބުނެފައިވަނީ އެ އެ އޮތޯރިޓީން އެކްރެޑިޓްނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމަކީ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަނާ ކަމެއްކަމަށާއި ގަވާއިދާހިލާފަށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ މަރުކަޒުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.