މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރި މުވައްޒަފުންނާއި ކޮވިޑުގެ ހާލަތުގައި ހީވާގިކަމާ އެކު މަސައްކަތްކުރި މުވައްޒަފުންނާއި މިހާރު ރިޓަޔާކޮށްފައި ތިބި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑުދީފިއެވެ.

މި އެވޯޑު ދީފައި ވަނީ އެކުންފުނިން ރޭ ހުރަވީ ސްކޫލްގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ރޭގެ ހަފުލާގައި އެމްޑަބްލިއުއެސްސީގެ ރިޓަޔަމަންޓް އެވޯޑު ފަސް މުވައްޒަފަކަށް ލިބިފައިވާއިރު އެ ކުންފުންޏަށް ހިދުމަތް ކޮށްދޭތާ 20 އަހަރާއި 10 އަހަރު ވެފައިވާ 50 މުވައްޒަފަކަށްވެސް ވަނީ އެވޯޑު ދީފައެވެ.

މުވައްޒަފުންނަށް މި އެވޯޑުތައް ހަވާލުކޮށްދިނީ އެ ކުންފުނީގެ އެމްޑީ ހަސަން ޝާހު އާއި އެކުންފުނީގެ ބޯޑު މެމްބަރުންނެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، މި ހަފުލާގެ މައިގަނޑު މަގުސަދަކީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާ އެކު، އެކުންފުންޏަށް ކޮށްދޭ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމާއެކު އެގޮތުގައި ކުރިއަށް ދިޔުމުގެ ރޫހު އާލާކޮށް ހިތްވަރު ދިނުން ކަމަށެވެ.

ޝާހު ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތަކީ އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ އަދި މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަމަށެވެ. އަދި ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ވަގުތުތަކުގައިވެސް އެމްޑަބްލިއުއެސްސީގެ ޓީމުން މެދުކެނޑުމެއް ނެތި އާންމުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިން ކަމަށެވެ.