ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓްގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ، ދިރާގުން ކޯޕަރޭޓް މެމްބާޝިޕް މިއަދު އާކޮށްފިއެވެ.
ދިރާގުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓްގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާގުން ބުނީ އެކުންފުނިން އިސްނަގައިގެން މިއަދު އާކުރެވުނު މެމްބާޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުތަކުގައާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.
މި މެމްބަޝިޕްގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީނުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ދަންނަވަމުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި މެމްބާޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރަމުންގެންދާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ދިރާގުން ވަނީ ކޯޕަރޭޓް މެމްބާޝިޕްގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފުސާނީ އިޖުތިމާއީ ދުޅަހެޔޮކަމާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަނާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިރާގުން ދިވެހި ރެޑްކްރެސެންޓަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު