އެއްޖިންސުން ގުޅުންހިންގުމަކީ އާދައިގެ ކަމެކޭ ހީވާ ހިސާބަށް ހިނގައިދާނެތީ ކަންބޮޑުވާ ކަމަށާއި އެކަމާ މީޑިއާއިން ސަމާލުވާން ޖެހޭ ކަމަށް އެޑިޓާސް ގިލްޑުން ބުނެފިއެވެ.
އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައި މިވަނީ، ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު ގިނަ އަދަދެއްގެ ދިވެހިން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އާންމުވުމާއެކު، އެ ވީޑިއޯތަކުގެ ސްކްރީންޝޮޓްތައް ބައެއް މީޑިއާތަކުން އެއްވެސް ސެންސަރު ކުރުމެއްނެތި ޝާއިއުކުރަމުންދިއުމާ ގުޅިގެންނެވެ.
އެޑިޓާސް ގިލްޑުން ބުނީ ބިދޭސީއަކު ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށްބުނެ ލީކުވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އާންމު ކުރުމުގައި އެއްވެސް ވަރެއްގެ ސެންސަރެއް ނެތި ބައެއް މަންޒަރުތައް ވަރަށް ރޮލަށް އާންމު ކުރުމުގެ ސަބަބުން މުޖުތަމައުގައި އެކަންކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބަޔަކަށް ގަބޫލު ކުރެވިދާނެ މިންވަރަށް އެ ވާހަކަ އެ މޭރުމުން ދައްކާތީ ކަންބޮޑުވާ ކަމަށެވެ.
"..އަދި ކުޑަކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެކަންކަމަކީ 'އޯކޭ' ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާމިނުގައި އާންމު ނުކުރުމަށް އިލްތިމާސްކުރަމެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށްވާއިރު އެ ފާހިޝް އަމަލު ހިންގުމަކީ އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަކަށް އެކަމުގެ ހަބަރުތައް ގެނެސްދީ އެކަންކަން އާންމު ކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫނެވެ..،" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ ކޮންމެ ދުވަހަކު ވަކިވަކި ސުރުހީތަކުގެ ދަށުގައި އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރު އެޅުމަށް މަސައްކަތްކުރުމަށް މީޑިއާތަކަށް ގޮވާލާ ކަމަށެވެ.
"އެފަދަ މައްސަލަތައް މީޑިއާތަކުން ރިޕޯޓުކުރާ އިރު، ފަރުދީ ފަރާތެކޭ ޒިންމާދާރު މަގާމެއްގައި ހުރި މީހެކޭ ތަފާތުކުރުމެއް ނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އިލްތިމާސްކުރަމެވެ. ހަމައެއާއެކު އެފަދަ ފަރާތްތަކުގެ އާއިލާއަކާ ކުޑަކުޑަ ކުދިންގެ މުސްތަގުބަލަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ދޭތެރޭ ވެސް މީޑިއާތަކުން އިތުރަށް ވިސްނުމަކީ މި ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ..،" އެ ޖަމިއްޔާއިން ބުންޏެވެ.
އޭގެ އިތުރުން ގައުމުގައި ހިނގާ މަރުތަކުގެ މައްސަލަތައް ރިޕޯޓުކުރާ އިރުވެސް އެފަދަ ކަންކަން ކުރާ މުޖުރިމުން އެކްސްޕޯސް ކުރުމަށް ސަމާލުކަންދީ، އަދި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް ބާރު ލިބޭގޮތަށް ރިޕޯޓުތައް ބައްޓަން ކުރުމަށް އިސްކަން ދިނުމަށް އެދޭ ކަމަށާއި އެއާ ހިލާފަށް އެފަދަ ކަންކަމުގައި ވިކްޓިމައިޒްވާ ފަރާތްތަކުގެ ފަތިފުށް ހާމަކޮށް އެފަދަ ކަންކަމާ ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަލަމްގީރުގެ އިތުރުން އަލަމްގީރާއެކު ދައުރުވެފައިވާ ވީޑިއޯތަކުން ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ފުލުހެކެވެ.
މި މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވެނީ 38 މީހުންނަށެވެ. އޭގެ ތެރެއިން 18 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އަމުރު ނެރުނު އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެއިން ބޭރަށް ފުރައިފައެވެ.
ފުލުހުން އިއްޔެ ބުނީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ދެ މީހަކު ފުލުހުންގެ ހުއްދައާއެކު އުމްރާއަށް ފުރާފައިވާ ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ފުރައިގެންދިޔަ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު