ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި މެޑިސިން ހަދާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނުގެ ފުރުސަތު ސެނަހިޔާ ހޮސްޕިޓަލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫ އާއި ސެނަހިޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. ސެނަހިޔާގެ ފަރާތުން ސޮއިކުރެއްވީ އޮފިސަރ އިންޗާޖް ކްލިނިކަލް ސާވިސް ކެޕްޓަން ޑރ ޝިފްލާ އަބްދުލްލަތީފެވެ.

އެެމްއެންޔޫއިން ބުނިގޮތުގައި މި އެއްބަސްވުުމުގެ މަގުސަދަކީ އެ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑޮކްޓާ އޮފް މެޑިސިން ކޯހުގައި ކިޔަވާ ދަރިވަރުންނަށް ފުރަތަމަ ދެ އަހަރު ބޭނުންވާ އަމަލީ ތަމްރީނުތައް ސެނެހިޔާއިން ދިނުމެވެ.

އެގޮތުން ބަލިމީހުންނަށް މުއާމަލާތުކުރަންވީ ގޮތުގެ ތަމްރީނާއި އެކި ކަހަލަ ބަލިތައް ދެނެގަންނާނެ ގޮތުގެ ތަމްރީނު ދޭނެއެވެ.

އެ ތަމްރީނުތައް ދަރިވަރުންނަށް ދޭނީ ސެނެހިޔާގެ ޑޮކްޓަރުންނެވެ.