މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީގައި އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) "ވަން" އަށް މިއަދު ވިދާޅުވީ، ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވުމަށް ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"ކޮންގްރެސް ތާރީހަށް ބޭއްވޭނެކަގެ ޔަގީންކަން އެބަ އޮތް. އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންގްރެސްއަށް މިހާރު ކުރަމުން އަންނަނީ، ބައެއް އިދާރީ މަސައްކަތްތައް ކަމަށެވެ. އެގޮތުން ގޮފިތަކުގެ ސައްހަކަން ކަށަވަރުކުރުމާއި ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ މެންބަރުންނަށް ގުޅައި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަލަށް އެބައިން 417 ގޮފި ރަޖިސްޓަރީކޮށްފައި. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ގޮފިތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ،" އިބްރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު 1،200 އަށްވުރެ ގިނަ މެންބަރުންނަށް ލިބެއެވެ. އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ މުހިންމު ނިންމުންތައް ނިންމާނެއެވެ.

  • ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
  • ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
  • ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
  • ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
  • މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު އެމަނިކުފާނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުން ނަމަ އެކަނިކުފާނަކީ "ޗޮއިސް" އެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެކަމާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން، ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ "ޝަރުތު" ހަމަވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް އައުމަށް އެމްޑީޕީން ތިންވަނަ ވިސްނުމެއް ގެންގުޅުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހަށް މިފަހުން ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ. އެގޮތުން ނުފޫޒު ފޯރުވިކަމުގެ ތުހުމަތާއި އަންހެން ކުއްޖަކާއެކުގައި ޒިނޭކުރި ކަމުގެ ތުހުމަތުތައް ވަނީ ކުރައްވައިފައެވެ. ރައީސް ނަޝީދުގެ އެ ތުހުމަތުތައް ރައީސް ސޯލިހު ވަނީ ދޮގުކުރައްވައިފައެވެ.