މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ)ގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީ ބައި ފުރިހަމަކުރުމަށް ލޯނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދުކުރި އިއުލާނެއްގައި ބުނީ، ލޯނަށް ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެ ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި މި މަހު 15 ގެ ކުރިން ލޯނަށް ކުރިމަތިލާން ޖެހެއެވެ.

ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާއެކު ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ.

އެ ޕޮރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި ދިހަ ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދިޔައެވެ. ތިއަރީ ކްލާސްތައް ކުރިއަށްގެން ގޮސްފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށެވެ. ފްލައިންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށްފަހުއެވެ.

އެމްއޭއޭ އިން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ އިރު، ފުރަތަމަ ބެޗުން ޖާގަ ދިނުމުގައި އިސްކަން ދީފައިވަނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

އައިލެންޑް އޭވިއޭޝަނުން ޖުލައި މަހުގެ ތިން ވަނަ ދުވަހު ބުނެފައިވަނީ، މޯލްޑިވިއަން ފްލައިން އެކަޑަމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލް ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ޖުލައި މަހުގެ 10 ބަނަ ދުވަހު ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ، ރިފްރެޝާ ޕްރޮގްރާމް ނިންމާފައިވާ ދަރިވަރުން 35 ދަރިވަރުން މިހާރު ވަނި ފްލައިން ނިންމާލައިފައެވެ.