ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

ރޮޒައިނާގެ ޓުވިޓާ އެކައުންޓް ހެކްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައި، ޝޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރެއްވި ފަހުންނެވެ.

ރޮޒައިނާ މިރޭ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އެކައުންޓް ހެކްކޮށްފައިވާތީ ރޭ މެންދަމު 2:00 ޖެހިފަހުން ޓްވިޓާ އެކައުންޓް ބޭނުން ނުކުރެވޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކައުންޓުން އިތުރު ޕޯސްޓެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ޓުވިޓާ އެކައުންޓް ހެކްކުރި ނަމަވެސް ބުނަންޖެހޭ އެއްޗެހި ބުނުމުގައި ފަސްނުޖެހޭނެ ކަމަށާއި ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޮޒައިނާ ޓުވީޓް ކުރައްވަން ފެއްޓެވީ، އޭނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އުޅޭ ކަމަށް ތުހުމަތުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއްގެ ލިންކް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕާ ހިއްސާކުރުމަށްފަހު އެއީ ތެދެއްތޯ ރައީސް ނަޝީދު ރޮޒައިނާ ކުރެން އެއްސެވުމުންނެވެ.

އޭގެ ފަހުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.