ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކި ބޭރު މީހަކު، މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައި، ޓެސްޓުކުރުމުން އެބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޖަރުމަނަށް ނިސްބަތްވާ އެ މީހާގެ ގައިގައި ބިހިތަކެއް ނަގައިގެން ފުރަތަމަ ގޮސް ދެއްކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީއަށެވެ. ނަމަވެސް މަންކީޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ ވަނީ އެ ހޮސްޕިޓަލުގެ އީއާރުގައި އެކަހެރިކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޖަރުމަންވިލާތު މީހާގެ ގައިން ފެނުނު އަލާމަތްތަކަކީ މަންކީޕޮކްސް ނޫން ކަމަށް ކްލިނިކަލް ޓީމުން އިވެލުއޭޓް ކުރުމަށްފަހު ނިންމާފައިވާ ކަމަށެވެ.

"އެހެންވެ އެ މީހާ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ، މަންކީޕޮކްސްއަށް ޝައްކުކުރެވޭ އެންމެންގެ ސާމްޕަލް ނަގާނެ ކަމަށާއި އެ ޓެސްޓުތައް ހެދޭނެ ސާމާނުވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ މީހާގެ ޓެސްޓުތައް މިހާރު ހަދާފައިވާއިރު، ނަތީޖާ ލިބެން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.

ނަސީމު ވިދާޅުވި ގޮތުގައި، މަންކީޕޮކްސްކަން ކަށަވަރުވާ ހިސާބުން އެ މައުލޫމާތު ހެލްތް މިނިސްޓްރީން އާންމުކުރާނެއެވެ.

މަންކީޕޮކްސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނުކޮށްފައިވާ އިރު، އެ ބަލީގެ އައުޓްބްރޭކް ރާއްޖެއަށްވެސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ހަތަރު ދުވަސް ކުރިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މަންކީޕޮކްސް ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސިއްހީ ހިދުމަތްތެރިއަކަށް ދައްކައި، ބަލި ކަށަވަރުކުރެވެންދެން ވަގުތުން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ، އެކެހެރިވުމަށް ބުނެފައެވެ.