ޑޮލަރުގެ އަގު ބޮޑުވުމުން ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފް އިން އަންގާރަ ދުވަހު ނެރުނު ދުނިޔޭގެ އިގުތިސޯދީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓުގައި ބުނެފައިވާގޮތުން މި އަހަރު ޑޮލަރުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެއީ ދުނިޔޭގެ އިގުތިސޯދު ބަލިކަށިވުމަށް އިތުރު ޕްރެޝަރަކަށް ވާނެ ކަމެކެވެ.

އައިއެމްއެފް އިން ބުނީ ބައިނަލްއަގުވާމީ ވިޔަފާރީގައި ބޮޑު ބައެއް އިންވޮއިސް ކުރަނީ ޑޮލަރުން ކަމަށާއި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި މަޑުޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޑޮލަރުން ދައްކަންޖެހޭ ދަރަނިތައް ދައްކަން ޖެހޭ ގައުމުތަކަށް ވެސް އެއީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމުގެ ސަބަބުން ދަރަނީގެ ދަތިކަމުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މިފަދަ ގޮންޖެހުންތައް މި އަންނާނީ ގިނަ ގައުމުތަކެއްގެ ސަރުކާރުގެ މާލީ ހާލަތު މިހާރުވެސް ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމުން، ގައުމުތަކުގެ މާލީ ސިޔާސަތުތައް ދެމެހެއްޓުމަށް ފުރުސަތު ކުޑަވެގެންދާނެ،" އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވުން އެހެން ބޮޑެތި މަރުކަޒީ ބޭންކުތަކަށް ވުރެ އަވަހަށް އިންޓަރެސްޓް ރޭޓް ބޮޑުކުރުމުގެ ސަބަބުން ޔޫއެސް ޑޮލަރުގެ އިންޑެކްސް މިއަހަރު 16 ޕަސެންޓަށް ވަނީ މަތިވެފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި ވިޔަފާރިތަކުން ޑޮލަރު ގަންނަން އެގައުމެއްގެ ފައިސާ އިތުރަށް ހޭދަކުރަން ޖެހުމަކީ ދުނިޔޭގެ އިގުތިސޯދީ ދުވެލީގެ މަޑުޖެހެމުންދާ މި ދަނޑިވަޅުގައި ގައުމުތަކަށް ދިމާވާ އިގުތިސޯދީ މައްސަލަތައް އިތުރުވެގެންދާނެ ކަމެއް ކަމަށް އައިއެމްއެފުން ބުންޏެވެ.

އައިއެމްއެފް އިން ބުނީ އާމްދަނީ ދަށް ގައުމުތަކުގެ ތެރެއިން 60 ޕަސެންޓު ގައުމުތަކަކީ މިހާރުވެސް އެ ގައުމުތަކުގެ ސަރުކާރުގެ ދަރަނީގެ ދަތިކަމުގައިވާ ނުވަތަ ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑު ގައުމުތައް ކަމަށާއި މިއީ މީގެ ދިހަ އަހަރު ކުރިން އެ އަދަދު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 20 ޕަސެންޓު ބޮޑު އަދަދެއް ކަމަށެވެ.

އައިއެމްއެފް އިން މިހާރު ލަފާކުރާ ގޮތުގައި ދުނިޔޭގެ އިގްތިސޯދު މި އަހަރު ކުރިއަރާނީ 3.2 ޕަސެންޓަށެވެ. އަދި އަންނަ އަހަރު އެ އަދަދު ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ލަފާ ކުރަނީ 2.9 ޕަސެންޓުގައި ކަމަށް ދުނިޔޭގެ އިގްތިސާދީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެގޮތުން ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި އިންފްލޭޝަން މަތިވުމާއި އިންޓަރެސްޓް ރޭޓް މަތިވުމަކީ ދުނިޔޭގެ އިގްތިސޯދު ކުރިއެރުމަށް ވަރަށް ބޮޑު ބުރައަކަށް ވާނެ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.