ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކި ބޭރު މީހަކު، މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖަރުމަނަށް ނިސްބަތްވާ އެ މީހާގެ ގައިގައި ބިހިތަކެއް ނަގައިގެން ފުރަތަމަ ގޮސް ދެއްކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީއަށެވެ. ނަމަވެސް މަންކީޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ މިހާރު ވަނީ އެ ހޮސްޕިޓަލުގެ އީއާރުގައި އެކަހެރިކޮށްފަ އެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު "ވަން" އަށް މިއަދު ވިދާޅުވީ، މަންކީޕޮކްސްއަށް ޝައްކުކުރެވޭ އެންމެންގެ ސާމްޕަލް ނަގާނެ ކަމަށާއި އެ ޓެސްޓުތައް ހެދޭނެ ސާމާނުވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ މީހާގެ ޓެސްޓުތައް މިހާރު ހަދާފައިވާއިރު، ނަތީޖާ ލިބެން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.

ނަސީމު ވިދާޅުވި ގޮތުގައި، މަންކީޕޮކްސްކަން ކަށަވަރުވާ ހިސާބުން އެ މައުލޫމާތު ހެލްތް މިނިސްޓްރީން އާންމުކުރާނެއެވެ.

މަންކީޕޮކްސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނުކޮށްފައިވާ އިރު، އެ ބަލީގެ އައުޓްބްރޭކް ރާއްޖެއަށްވެސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ހަތަރު ދުވަސް ކުރިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މަންކީޕޮކްސް ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސިއްހީ ހިދުމަތްތެރިއަކަށް ދައްކައި، ބަލި ކަށަވަރުކުރެވެންދެން ވަގުތުން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ، އެކެހެރިވުމަށް ބުނެފައެވެ.

މަންކީޕޮކްސް އެކަކު ގައިން އެނަކަކު ގަޔަށް ފެތުރޭ ގޮތް

ނޭވާލާ ނިޒާމުގެ ތެރެއިން ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުމުން

ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގެ ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން

ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން

މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ

މަންކީޕޮކްސް އަލާމަތްތައް

ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން

ހަމުގައި ބިހި ނެގުން، މި އައުޓްބްރޭކުގައި ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް

އަނގައިގެ ވަށައިގެން ބިހިނެގުން

ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެންގޮސް ކުރަލާ